








ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕެއިން" މިރޭ ރަސްމީކޮށް އިފްތިތާޙުކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމިއްޖެއެވެ.
މި ޤައުމީ މަޝްރޫޢުގެ ޝިޢާރަކަށް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" އެވެ. މި މުހިންމު މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުފުޅާއި ވިސްނުންފުޅުގެ އަލީގައި، ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހެޔޮ ބަދަލަކުން ޒީނަތްތެރިކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރިއަށްގެންދެވޭ ކަމެކެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ހިންގަވާ މި ތާރީޚީ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ޚާއްޞަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ (14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭ) ގަޑިން 07:45 ގައެވެ. ވުޒާރާއިން ބުނިގޮތުގައި، މި ޖަލްސާއަކީ ދިވެހި ޤައުމުގެ އަޚްލާޤީ ޙަޔާތުގައި ލިޔެވިގެންދާނެ އައު އަދި މުހިންމު ޞަފުޙާއެކެވެ.
މި ތާރީޚީ ރަސްމިއްޔާތުގައި އެންމެހައި ލޮބުވެތި ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެދިވަޑައިގެން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ޢާންމު ދަޢުވަތެއް އަރުވާފައެވެ. ވަޒީރު ވިދާޅުވީ، މުޖުތަމަޢުގައި އިޙްތިރާމުގެ ސަޤާފަތެއް އަށަގެންނެވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމަށާއި، މި ކެމްޕެއިނުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ހެޔޮ ބަދަލުތަކެއް އައިސްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ކެމްޕެއިނުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.








