








"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ.ދިއްދޫގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށް، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
އާންމުކޮށް ހުޅުވާލައިގެން ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.
މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 13އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށެވެ.
ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ހަވާސާގެ ތެރެއިން، އެމްއެންޑީއެފުން އަހަރަކު ދެ ފަހަރު ލިޔެ ޝާއިޢުކުރަމުން ގެންދާ "އައްޑަނަ މަޖައްލާ"ގެ 40ވަނަ ޢަދަދު ވެސް ވަނީ ނެރެދެއްވާފައެވެ. އައްޑަނަ މަޖައްލާގެ މި ޢަދަދު ނެރެދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ.
މީގެ އިތުރުން ހއ.ދިއްދޫގައި މި މައުރަޒު ބޭއްވުމަށް ޓަކައި ދިއްދޫ ކައުންސިލުން ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފުން ވަނީ އެ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މިގޮތުން ދިއްދޫ ކައުންސިލްގެ ރައީސް، އުޘްމާން ރަޝީދަށް އެމްއެންޑީއެފްގެ ފަރާތުން މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ހއ.ދިއްދޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހއ. ދިއްދޫގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވެލެއްވިއެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު 14ވަނަ ދުވަހުގެ ހަަވީރު 16:00ގައި، ހއ.ދިއްދޫ އިސްލާމީ މަރުކަޒު ކައިރީގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހު ހެނދުނު 10:00އިން 12:00އަށް ދިއްދޫ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް "ނޫރައްދީން"އަށް ޒިޔާރަތްކުރެވޭ ގޮތަށް ވެސް ވަނީ އިންތިޒާމްކުރެވިފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުވި އަބްޠާލުން ވެދެއްވި ގުރުބާނީގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.
ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މައުރަޒު ނޮވެންބަރު 20 އަދި 21ވަނަ ދުވަހު ހއ.ބާރަށުގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ.




