
މިސްކިތު ތެރެއަށް ބޮޑު ކަމުދިޔަ މައްސަލައިގައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރި ނައުޝާދު މޫސާ އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
އޭނާ މިފަހަރުވެސް ހައްޔަރުކުރީ އެފަދަ މައްސަލައެއްގައެވެ.
ފުލުހުން ބުނީ މިފަހަރު އޭނާ ހައްޔަރު ކުރީ ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލައަށް އެދުން ފުއްދި މައްސަލައެއްގައި ކަމަށެވެ.
ލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރުގާން މިސްކިތުގައި އެފަދަ ކަމެއް ހިނގި ކަމަށް ފުލުހުންގެ އިދާރާއަށް މީހަކު ހާޒިރުވެ ހުށަހަޅާފައިވާ ކަމަށާއި މިމައްސަލާގައި އެފަރާތުން ދިން މަޢުލޫމާތާއި ގުޅިގެން ނައުޝާދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ނައުޝާދު އެފަދަ ކަމެއް ތަކުރާރުކޮށް ކުރިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އުމުރުން 32 އަހަރުގެ ނައުދާއު އެ އަމަލު ހިންގާފައިވަނީ އިއްޔެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ވެސް އޭނާ ވަނީ ފަތިހު މިސްކިތަށް ވަދެ މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ފުރަތަމަ ފަހަރަށް ދިނުމަށްފަހު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ. އޭނާ ކުށަށް އިއުތިރާފުވުމުން 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ނައުޝާދު ވަނީ 1 މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެންވެ، ތަންފީޒުކުރަން ޖެހޭ އިތުރު އަދަބެއް ނެތުމުން ކޯޓުން ވަނީ އޭނާ މިނިވަން ކުރުމަށް އަމުރުކޮށްފައެވެ.
ބަންދުން ދޫކޮށްލި ފަހުން ވެސް ނައުޝާދު ތަކުރާރުކޮށް އެ މިސްކިތަށް ގޮސް ނިދައި، މިސްކިތްތަކުގެ މަސްލަހަތު ގެއްލޭ ގޮތަށް އުޅެމުންދާ ކަމުގެ ޝަކުވާ އާންމުންދަނީ ކުރަމުންނެވެ.












