
ޒަމާންތަކުގެ ފަރުދާގެ ފުރަގަހަށް ވަދެ، ހަނދާނުގެ ފުން ކަނޑުގައި ފީނަމުންދިޔަ "ދެކެދެކެވެސް 5" ގެ ހިތްގައިމު ލަވަ، "ލަކިލަކި ޖެހެނީ ހިތޭ" އަނެއްކާވެސް މިވަނީ ދިވެހި ފަޒާގައި ގުގުމާލައި، ހިތްތަކުގެ ވިންދާ ކުޅެލާފައެވެ. މިއަދު މި ލަވައަކީ ހަމައެކަނި މާޒީގެ ފޮނި ހަނދާނެއް ނޫނެވެ؛ މިއީ މުޅި ދިވެހިރާއްޖޭގެ ވައިރޯޅިތަކުގައި ވިހުރެމުންދާ އެންމެ ޖޯޝީ ޓްރެންޑެވެ. މި މައުނަވީ ދިރުން މި ލަވައަށް ގެނެސްދިނީ ކާށިދޫ ފަސްގަނޑަށް އުފަން، ހުނަރުވެރި ކަނބަލުންތަކެއްގެ ފަރި ހަރަކާތްތަކުންނެވެ.
"އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ސްޓޭޖުމައްޗަށް، ސަގާފީ ވާދައިގެ ތެރެއިން އެ ރަށު "އޮމަލަ" ގުރޫޕު ފައިބައިގަތީ ސަގާފަތުގެ ރަންރިހި ފަށުވިތަކުން ޖަރީވެގެންނެވެ. އަތުގައި އޮތް ފަތިގަނޑުން އިއްވަމުންދިޔަ ހަމަހަމަ ރާގުތަކާއި، ފަރި ހަރަކާތްތަކާއެކު އަޅަމުންދިޔަ ފިޔަވަޅުތަކުން މުޅި މާހައުލުގައި ޖާދުލެއް ޖައްސައިލިއެވެ. ދިވެހިވަންތަކަމުގެ ރީތިކަމާއި އަންހެންވަންތަކަން، އެ ލަވައިގެ ކޮންމެ ބަހަކާއި ކޮންމެ ރާގަކާ ގުޅުވާލީ ހިތްތައް ކަތިލާ ފަދަ މޮޅު ހުށަހެޅުމަަކުންނެވެ.
އެ ހިތްގައިމު ހުށަހެޅުމާއެކު، ސޯޝަލް މީޑިއާގެ ޑިޖިޓަލް ދުނިޔެ މިވަނީ އެއްފަހަރާ ހޭލައްވާލައިފައެވެ. ޓިކްޓޮކާއި އިންސްޓަގްރާމްގެ ސްކްރީންތަކުން ފެންނަނީ އެ ސްޓެޕްތަކުގެ ޖާދޫގައި ޖެހި، އެ ހަރަކާތްތައް ނަކަލުކުރަމުންދާ ޒުވާނުންނެވެ. ވަޅުޖެހިފައި އޮތް ރާގެއް، އަލުން ހިތްތަކުގައި ދިރި، ވައިރޯޅިއެއްހެން އުދުހެން ފެށީ ކާށިދޫގެ އެ ދަރިން ދެއްކި ފުރިހަމަ ފަންނުވެރިކަމުގެ ސަބަބުންނެވެ.
މުބާރާތުގެ މައިދާނުގައި ހިޔަލަ، އެކްސްޓްރީމް ލެވެލް އަދި އެމްއެންޔޫ ޑާންސް ގުރޫޕް، ފަދަ ކުޅަދާނަ، ވަރުގަދަ ތަރިންގެ ޓީމުތައް ވާދަކޮށް، ރަން ވަނަތަކާއި ޝަރަފުތައް އެ ފަރާތްތަކުން އުފުލައިލި ކަމުގައި ވިޔަސް، ތަފާތު މަގާމެއް އޮމަލަ ގުރޫޕުން ވަނީ ހާސިލުކޮށްފައެވެ.
އާނއެކެވެ! ވަނަތައް އެހެން ދިމާލަކަށް ދިޔަނަމަވެސް، މުޅި ޤައުމުގެ، އެންމެހައި ދިވެހީންގެ ލޯތްބާއި ހިތްތައް މިވަނީ ކާށިދޫގެ "އޮމަލަ" ކަނބަލުން ފަތަހަކޮށްފައެވެ. އެ ކަނބަލުން އެވަނީ ހަމަ ރަނގަޅަށް ވެސް އެންމެންގެ ހިތްތަކުގައި "ލަކިލަކި" ޖައްސުވައި، ދިވެހި ސަގާފަތުގެ ސަފުހާތަކުގައި ފޮހެވިގެން ނުދާނޭ ފަދަ ފަންނީ ވިދުވަރެއް ދައްކުވައިދީފައެވެ.












