
.jpg?w=3840&q=75)


.jpg?w=3840&q=75)




ގިރާވަރުފަޅުގެ 115 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މުޅި މަޝްރޫއުގެ 68.8 އިންސައްތަ މަސައްކަތެވެ.
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން އޮފް ނެދަލޭންޑްސް" ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ގިރާވަރު ފަޅުގެ ބައެއް ސަރަޙައްދަކީ ވަރަށް ފުން ސަރަޙައްދުތަކަށް ވުމާއެކު ހިއްކުމުގައި ގޮންޖެހުންތައް ހުރިކަން މީގެކުރިން ވެސް ވަނީ އެ ކުންފުނިން ހާމަކޮށްފައެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވެެއެވެ. އެމްއޭސީއެލްއިން ހިއްކަމުންދަނީ މަސައްކަތުގެ ނުނިމިވާ 97.15 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރު ނިމުނިއިރު ނިންމާފައި އޮތީ 70 ހެކްޓަރެވެ. އެމްއޭސީއެލްއިން ގިރާވަރު ފަޅު ހިއްކަން ފެށީ ފެބުރުއަރީ މަހުއެވެ.
އެމްއޭސީލްއިން މި މަސައްކަތް ކޮންޓްރެކްޓްކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ސީއެމްސީސީއާ ހަވާލުކޮށްގެންނެވެ. އަދި މަޝްރުޢޫގެ ބިން ހިއްކުމުގެ މަސައްކަތް ގެންދަނީ ބޮސްކާލިސް ކުންފުންޏާއެވެ.
ގިރާވަރު ފަޅަކީ ނިމިދިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ގޯތި ދޭން ވަޢުދުވި މަޝްރޫއެކެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އެކަށީގެންވާގޮތުގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ގޯތި ދޫކުރީ ކަނޑުގައި ރޮނގު އަޅައިގެނެވެ. އަދި ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއްވެސް ނެތެވެ. މިއީ އެ މަޝްރޫޢުގައި ގޯތި ލިބުނު މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އިތުރުކުރި 113 ހެކްޓަރާއެކު، ބިން ހިއްކުމުގެ މި މަޝްރޫޢު އަލުން މި ކުރިއަށްގެންދަނީ މި ސަރުކާރުގައެވެ.
ނިމިދިޔަ ސަރުކާރުގައި ވަނީ ގިރާވަރު ފަޅުން 5000 އަށްވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާ، ލިބޭ މީހުން ކަނޑައަޅާފައެވެ. ނަމަވެސް އެއްވެސް ގޯއްޗެއް ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ނެތުމުގެ ސަބަބުން މީގެތެރެއިން، ވަކި އަދަދެއްގެ ގޯތި ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ގެދޮރުވެރިޔަ މަޝްރޫޢުއިން ގިރާވަރު ފަޅުން ދޫކުރަނީ 4072 ގޯއްޗެވެ. ސަރުކާރުގެ އާމާޒަކީ މި ވެރިކަމުގައި، މި ގޯތިތައް ގޭގެ ވެރިންނާ ހަވާލުކުރުމެވެ.

.jpg?w=3840&q=75)


.jpg?w=3840&q=75)