
.jpg?w=3840&q=75)







ފެނަބާޗޭގެ ކުޅުންތެރިން ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ފެނަބާޗޭ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 4-3 ގެ ނަތީޖާއަކުން ވިލަރެއާލް އަތުން މޮޅުވެފައިވާއިރު، ފެނަބާޗޭ އިން އެންމެ ފަހުން ކުޅުނު މެޗުގައި ސްލާވިއާ ޕްރާގް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ޓްރެއި ނަޔޯނީ އެވެ.
ފެނަބާޗޭ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މާސަން ގްރީންވުޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ލިވަޕޫލުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން އެޓީމަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން ފެނަބާޗޭގެ ޑިފެންޑަރު އާޗީ ބްރައުން ވަނީ އިތުރު ލަނޑެއް ކާމިޔަބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފެނަބާޗޭ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ވެދާޓް މުރިގީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތިޖާއަކުން ފެނަބާޗޭ ކުރީގައި އޮވެގެންނެވެ.
މިނަތިޖާއެކު ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައި ފެނަބާޗޭ އޮތްއިރު، މިމެޗުން ބަލިވި ލިވަޕޫލުން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ.

.jpg?w=3840&q=75)


