








އުފެއްދުންތެރިކަމުގެ މައުރަޒުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ- ފޮޓޯ: ޕީއެސްއެމް
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ވަނަ އަހަރުގެ މައުރަޒު ބޭއްވި މަގުސަދު ފުރިހަމައަށް ހާސިލުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ކާމިޔާބީ ހިއްސާކުރައްވަމުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ މައުރަޒު ބައްލަވާލި ކޮންމެ ފަރާތަކަށްވެސް މައުރަޒުގެ ކާމިޔާބުކަން ފާހަގަވެގެންދާނެ ކަމަށެވެ.
މައުރަޒުން ވަރަށް ފުޅާދާއިރާއެއްގައި ދިވެހިންގެ ބަޔަކު ކުރި މަސައްކަަތް ފެނިގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވި މި މައުރަޒުން ގިނަ ބައެއްގެ އުންމީދާއި ހިޔާލު އަދި ފިކުރު ބޭނުންކޮށްގެން ވަރަށް އުފެއްދުންތެރި ބިނާކުރަނިވި އުފެއްދުންތެރި މަސައްކަތްތަކެއް ދައްކުވައިދީފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވަނީ މައުރަޒުގައި ބައިވެރިވި ބައިވެރިންގެ އުންމީދުތަކަށް އަލިއަޅުއްވާލާފަ އެވެ. އެގޮތުން މީގެކުރިން ވިޔަފާރިއެއްގެ ތެރެއަށް ނުވަންނަ ފަރާތްތަކުގެ އަމާޒަކީ މިފަދަ ފުރުސަތުތަކުގެ އެހީގައި ކޮންމެވެސް ވިޔަފާރިއެއް ކުރުން ކަމަށްވާއިރު، މިހާރު ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިތައް އިތުރަށް ފުޅާކުރަން ބޭނުންވާއިރު، މުޅިން އަލަށް މައުރަޒުގައި ބައިވެރިވި ފަރާތްތައް ހިމެނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެ ހުރިހާ ފަރާތްތަކެއްވެސް މިހާރު އެންމެ ބޮޑަށް އެދޭކަމަކީ، އެ ފަރާތްތަކުގެ މަސައްކަތްތަކަށް އެކަށީގެންވާ ރަނގަޅު މާކެޓެއް ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ."މައުރަޒަށް އެއްޗެއް ދަންނަވާކަމުގައިވަންޏާ މައުރަޒު ވަރަށް ކާމިޔާބު. އަޅުގަނޑުމެންނަށް ވަރަށް ގިނަ ރިކުއެސްޓުތައްވެސް އައި މުއްދަތު އިތުރު ކޮށްދިނުމަށާއި، އިތުރު ދުވަސް މިކަމުގައި ހޭދަކޮށްދިނުމަަށް. މާނައަކީ މިތަނުން މިކަން ހުއްޓާނުލަން. އެހެންނަމަވެސް ކޮންމެވެސް މުއްދަތަކަށް މިކަންވެސް ބޭއްވޭނީ. މި ހުރިހާ ކަމަކުން މި އެނގިގެންދަނީ މީގެ ކާމިޔާބީ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026އަކީ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤުޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބޭއްވި މައުރަޒެކެވެ.








