
ރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންގޮސްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތަކުގެ އަދަދު 2،100 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި މި އަހަރުގެ މިހާތަނަށް ހުށަހެޅުނު ޖުމްލަ 10,258 މައްސަލައިގެ ތެރެއިން 20.8 ޕަސެންޓަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާއި އެއީ ޖުމްލަ 2,132 މައްސަލަ ކަމަށް ދައްކައެވެ.
މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން އިތުރުވުމަކަށްވާއިރު، މިދިޔަ އަހަރު ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ 2,066 މައްސަލައެވެ. 2024 ވަނަ އަހަރު 1,670 މައްސަލަ، 2023 ވަނަ އަހަރު 1,752 މައްސަލަ، 2022 ވަނަ އަހަރު 1,420 މައްސަލަ އަދި 2021 ވަނަ އަހަރު ރިޕޯޓުކޮށްފައިވަނީ 1,447 މައްސަލަކަމަށް ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ތިން އަހަރުވެސް އެކި ބާވަތުގެ މައްސަލަތައް ހުށަހެޅުނު މިންވަރު އުޅެނީ 12,000 އަށްވުރެ މަތީގައެވެ. އެގޮތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެން އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2,830 މައްސަލައާއި އެކްސިޑެންޓާ ގުޅޭ 2,462 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އާބާދީގެ ތެރެއިން 10,000 އަށްވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާކަމަށް ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފައިވާއިރު، އެފަދަ މީހުންނަށް ދެވޭ ފަރުވާ އެކަށީގެންވާ މިންވަރަށް ނުދެވޭކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިދިޔަ އަހަރު ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވަކި މިންވަރަކަށްވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ ނުވަތަ ބޭރުކުރަން އުޅޭ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގޮތަށް ގާނޫނު ވަނީ ހަރުކަށިކޮށްފައެވެ.












