








-
އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެކަމަނާ ކުރެއްވި ޚާއްޞަ ޒިޔާރަތެކެވެ.
ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ވަޑައިގަތުމުން، އެ އިދާރާގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ޒިޔާރަތުގެ ތެރޭގައި އެކަމަނާ ވަނީ ޑްރެޕްގެ އިސްވެރިންނާއި ފަންނީ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބޭހާއި ޞިއްޙީ ސާމާނުގެ ރައްކާތެރިކަމާއި ފެންވަރު ބެލެހެއްޓުމަށް އެ އޮތޯރިޓީން ގެންގުޅޭ އުޞޫލުތަކާއި ހިންގަމުންދާ ރެގިއުލޭޓަރީ މަސައްކަތްތަކުގެ ތަފްޞީލު އޮޅުންފިލުއްވާފައެވެ.
އަދި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ޑްރެޕްގެ ޓީމުން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވައި އެކަމަނާ ވަނީ އެ އިދާރާއަށް ތަޢުރީފު ކުރައްވާފައެވެ.








