








-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު މެންދުރުފަހު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސްގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުޙައްމަދު ޠޯހާއެވެ.
މި ޒިޔާރަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ހައިކޮމިޝަންގެ އިމާރާތް ބައްލަވާލައްވައި، ހައިކޮމިޝަނުގެ މެހެމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.
މީގެއިތުރުން، އެ މިޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މުވައްޒަފުންގެ މަސައްކަތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި ހާލު އޮޅުންފިލުއްވާފައިވެއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، އެމަނިކުފާނުގެ އަރިހުގައި ޕާކިސްތާނަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.








