








ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ދޭދޭ ރަސްމީ މަޝްވަރާތައް މިއަދު ބާއްވަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިސްވެ ތިއްބަވައިގެން ކުރިއަށްގެންދެވި މި މުހިންމު މަޝްވަރާތައް އޮތީ މިއަދު ހެނދުނު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ ޕްރައިމް މިނިސްޓަރ ހައުސްގައެވެ.
މި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރުން އަދާކުރެއްވި ހޫނު މެހެމާންދާރީ ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފައެވެ.
ދެ ޤައުމުގެ ލީޑަރުން ވަނީ ޒަމާންވީ އަޚުވަންތަ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގިނަ ދާއިރާތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި:
މީގެއިތުރުން، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ ޤައުމީ ބޮޑު ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން ދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި މަޝްވަރާތައް ނިންމަވާލައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. މިގޮތުން، މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުޢާމަލާތްތައް، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ވަރަށް ތާރީޚީ އަދި މުހިންމު ދަތުރުފުޅެކެވެ.








