








-
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ރަސްމީ މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.
މި ފަރިއްކޮޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި ދެ ޤައުމުގެ މަތީ ފަންތީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަރިއްކޮޅުގެ ތެރެއިން ދެ ޤައުމުގެ ލީޑަރުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުމަށް އަލިއަޅުއްވާލައްވައި، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެ ޤައުމަށްވެސް ފައިދާހުރި އައު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ތާރީޚީ ފުރަމާނަ ދަތުރުފުޅަކީ، ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ވަރަށް މުހިންމު ދަތުރުފުޅެކެވެ.








