






.jpeg?w=3840&q=75)

-
ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ ޢަދަދު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު ޝެހްބާޒް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ލީޑަރުން ދެއްވި ގުޅިފައިވާ ރަސްމީ ބަޔާނުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރެވޭ އަހަރީ ވިޔަފާރީގެ ޖުމްލަ މިންވަރަކީ 13.9 މިލިއަން ޑޮލަރެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން މުހިންމު ކަންކަމާމެދު ޚިޔާލު ބަދަލުކުރެވުނުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި، ދިފާޢީ، ތަޢުލީމީ އަދި ޞިއްޙީ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމުގައި ޕާކިސްތާނުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ދަށުން އެއްބަސްވި ކަންކަން ޢަމަލީގޮތުން ތަންފީޒުވަމުންދާކަން ކަށަވަރުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒަށް ޕާކިސްތާނުން މަރުޙަބާ ދެންނެވުމަކީ އެ ޤައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއްކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ދެ ޤައުމަކީ އެކުގައި މަސައްކަތްކުރުމުގެ ދިގު ތާރީޚެއް އޮތް ދެ ޤައުމު ކަމުގައި ވިޔަސް، މިހާރު އޮތް އިޤްތިޞާދީ ގުޅުމުން އެކަން އެންމެ އެދެވޭ ގޮތުގައި ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، ވިޔަފާރީގެ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމައަށް ތައްޔާރަށް،" ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރަމުންދާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތީ ތާރީޚީ އަދި ވަރަށް ބަދަހި އަޚުވަންތަ ގުޅުމެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.








