






Dr.Jameel Vp
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ މާލެ ގެނައީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު އުފެދޭ ކަމަށާއި އެ މަނިކުފާނު ވެކްސިނާ ދެކޮޅެއް ނުހައްދަވާ ކަމަށް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް ޔާމީން އިންކާރުކުރެއްވި ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ރޭ ބުނެފައި ވެ އެވެ. އެ އިދާރާއިން ބުނީ ވެކްސިން ޖެއްސެވުމަށް 9:45 ގައި ޔާމީން މާލެ ގެންނެވިއަސް އެކަމަށް އިންކާރު ކުރެއްވުމުން އަލުން މާފުށީ ޖަލަށް ގެންދިޔައީ ކަމަށެވެ.
އެކަމާ ގުޅިގެން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ޖަލުން ގައިދީއަކު އެއް ތަނުން އަނެއް ތަނަށް ގެންދާއިރު ވަކީލުންނަށް އަންގަންޖެހޭ ކަމަށެވެ. އެކަމަކު ޔާމީން މާލެ ގެނައިއިރު ވަކީލުންނަށް އެއްވެސް ގޮތަކަށް އަންގާފައިނުވާ ކަމަށާއި އެއީ ޔާމީނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަކީ ފުރައްސާރަ ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ވަކީލުންނަށް ނާންގައި ޔާމީން މާލެއަށް ގެންނެވުމުން އެ މަނިކުފާނުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން އެބަހުރި ކަމަށެވެ. ރޯދަ މަހެއްގައި، ކަނޑު ހުރަސްކޮށް މާލެ ގެންނަވައި ދެ ގަޑިއިރު ބޭންދެވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވެކްސިން ހިފައިގެން ޖަލަށް ވެސް ދެވޭތީ ސަރުކާރުން އެމަނިކުފާނު މާލެ ގެނައީ ވެކްސިން ޖަހަން ކަމާ މެދު ޝައްކު ކަމަށާއި އެކަމެއް ގަބޫލެއް ނުކުރެއްވޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.






