






އަމީލް ޖަލީލް މިސްކިތް
ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމީލް ޖަލީލް މިސްކިތް އޭސީ ކުރުމަށާއި، އެ މިސްކިތުގެ ފާހާނަތައް މިހާރު ހުރިގޮތް ބަދަލުކޮށް އާ ފާހާނަ ބަރިއެއް އިމާރާތް ކުރުމަށް މާލެ ސިތީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 16 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލް ޖަލްސާއަށް ހުށަހެޅުއްވި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ އަމީލް ޖަލީލް މިސްކިތުގައި ދެ މަސައްކަތެއް ކުރުމަށް ހުށަހަޅުއްވާ ކަމަށާއި، އެގޮތުން ފުރަތަމަ ކަމަކީ މިސްކިތް އޭސީ ކުރުން ކަމަށެވެ. އަދި ހާއްސަކޮށް މެންދުރު ނަމާދު ވަގުތުގައި މިސްކިތް އާދަޔާ ހިލާފަށް ހޫނުގަދަވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
ނަމަވެސް މިސްކިތް އިމާރާތްކޮށްފައިވާ ގޮތުން، އޭސީ ކުރުމަށްޓަކައި އިތުރު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މިސްކިތުގެ ފުރާޅު ޑިޒައިންކޮށްފައިވަނީ ވައި ބޭރުވާ ގޮތަށް ކަމަށްވާތީ އެކަމަށް ބަދަލު ގެންނަންޖެހޭ ކަމަށްވެސް ޒަހިއްޔާ ވިދާޅުވި އެވެ.
މީގެއިތުރުން މިސްކިތުގެ ފާޚާނާތައް އަލުން އިމާރާތްކުރުމަށްވެސް ޒަހިއްޔާ ވަނީ ހުށަހަޅާފަ އެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހިއްޔާ ވިދާޅުވީ މިހާރު އެ މިސްކިތުގައި ފާޚާނާ ހުންނަނީ ޕާޓީޝަން ޖަހައިގެން ހަދާފައި ކަމަށެވެ. އަދި ފާޚާނާ ހުންނަ ގޮތުން، އެ ބައިގައި ގާއިމުކޮށްފައިވާ ވުޟޫކުރާ ތަނުގައި ތިބޭއިރު ނުބައިވަސް ދުވާތީ، އެކަމުގެ އުނދަގޫ ބޮޑުވެގެން އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"މިކަމަށް އޮތް ހައްލަކީ ތިރިވެސް އެއްކޮށް ކަވަރު ކުރެވި، އަދި ސީލިންގް ވެސް ކުރެވި، ފާޚާނާގެ ދޮރު ލެއްޕިފައި ހުންނައިރު، ވަސް ބޭރުނުވާނެ ފަދަ ގޮތަކަށް ފާޚާނާ އިމާރާތްކުރުން،" ޒަހިއްޔާ ވިދާޅުވި އެވެ.
އެހެންކަމުން ކައުންސިލުން ނިންމީ އަމީލް ޖަލީލް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް ލުއިފަސޭހަ އަދި އަރާމު މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ބެލެވެ އެވެ.




.jpeg?w=3840&q=75)

.jpeg?w=3840&q=75)