
ފޮޓޯ: ގާފު ސްޕޯޓްސް
ކުލަބު ހުވާސްގެ ފަރާތުން އިންތިޒާމުކޮށް ހދ. ނޮޅިވަރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުލަބު ހުވާސް ފުޓްސަލް ޗެލެންޖް 2026" ގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސައިފިއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރާއެކު ގާފު އޮންލައިން އޮފީގައި ބުރާސްފަތި ދުވަހު ބޭއްވުނު ސޮއިކުރުމުގެ ރަސްމިޔާތުގައި ހުވާސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ ޔަނާލް މުނީޒް އެވެ. އަދި މި އެއްބަސްވުމުގައި ގާފު އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެޑިޓަރު އަހުމަދު ޝުރާއު އެވެ.
މިމުބާރާތަކީ ނޮޅިވަރަމްގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން ރަށުގެ ޒުވާނުންނަށް ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކުލަބު ހުވާސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެކުލަބުން މިމުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.
11 ސެޕްޓެމްބަރު 2026 އިން 18 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ނޮޅިވަރަމްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 އަދި ރަނަރަޕް ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.










.jpeg?w=3840&q=75)





