







އޮޑިޓް އޮފީހުން ހުށަހެޅި 133 މިލިޔަން ރުފިޔާގެ ބަޖެޓު ދޭން ކޮމިޓީން ފާސްކޮށްފިއެވެ.
މި ބަޖެޓު ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އިތުރު ބަދަލުތަކެއް ނުގެނެސް ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އޮޑިޓް އޮފީހުން އެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. އަންނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ޚަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއާ ވަނީ ހިއްސާކުރައްވާފައެވެ.އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.2 މިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއާއެކު އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވީ ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓެކެވެ.މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި، މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
• ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް• ލޯކަލް ކައުންސިލްގެ 106 އޮޑިޓް• ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް• ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް• ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް• މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް• ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް• ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް• ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް• ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް• އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް• ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް• މިއަހަރު ނުނިމި ހުރި 120 އޮޑިޓްމިއަހަރަށް މަޖިލީހުން އޮޑިޓް އޮފީހަށް ކަނޑައެޅީ 134.2 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން 56.9 މިލިޔަން ރުފިޔާ މީހަތަނަށް ޚަރަދުވެފައިވާއިރު 45 މިލިޔަން ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށާއި އަހަރު ނިމޭއިރު 31 މިލިޔަން ރުފިޔާ ބޭނުން ނުކުރެވި ހުންނާނެ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. މި ފައިސާ ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގައި ކަންކަން ރާވާފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.



