




.jpeg?w=3840&q=75)

ޑރ. މުއިއްޒު އަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅަށް މި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
މި ބަހުސްގައި ސައުދުﷲ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ކެރިވަޑައިގަތީ މިހާރުގެ ރައީސަށް ކަން ވެސްފާހަގަކުރައްވާފައެވެ.
އެގޮތުން މެމްބަރު ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން ދިވެރާއްޖޭގެ ރައްޔިތަކަށް ވެވެނީ ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ކަމަށާއި، ޔަހޫދީއަކަށް ނުވަތަ ކްރިސްޓިއަން ދީނުގެ މީހަކަށް ރަށްވެހިކަން ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް އިސްރާއީލް ޕާސްޕޯޓުގައި ނާދެވޭނެ ކަމަށާއި އިސްރާއީލް ޕާސްޕޯޓުގައި މީހުން މި ރާއްޖެއަށް އައުން މަނާކުރަން ކެރުނީ މިހާރު މި ހުންނެވި ރައީސްއަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންވީމާ، އެކަމާ ދޭތެރޭގައި އެ މަނިކުފާނާއި އިސްރާއީލާއި ޔަހޫދީންނާ ގުޅުވައިގެން މި ދައްކާ ވާހަކައަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ސީދާ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ. އަދި މި ރާއްޖޭގައި މިވަގުތު ހުންނެވި ރައީސަކީ އިޒްރޭލާއި ޔަހޫދީންނާ އެންމެ ދެކޮޅު، މި ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 1،010 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދުނިޔޭގެ މުއްސަނދިންނަށް އަމާޒުކޮށްގެން އެޕާޓްމަންޓްތައް ތަރައްގީކޮށް ވިއްކުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅިގެން ކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ހިމެނޭހެން ސިޔާސީ އެކި ލީޑަރުންނާއި، އާންމު ރައްޔިތުންވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.





