


.jpeg?w=3840&q=75)


.jpeg?w=3840&q=75)


މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ގްރޭޓަރ މާލޭގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވާލައްވައިފިއެވެ.
މިއީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެކެވެ.
ވަޒީރު ކުރެއްވި މި ޒިޔާރަތުގައި، އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދާ ފުލުހުންގެ މަސައްކަތްތައް ގާތުން ބައްލަވާލައްވައި، ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފުލުހުންނަށް ހިތްވަރު ދެއްވިއެވެ.
މި ޒިޔާރަތަކީ، ނުރައްކާތެރި އެކްސިޑެންޓްތައް ހުއްޓުވުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ދެއްވާ ހާއްސަ އަހައްމިއްޔަތު ރަމްޒުކޮށްދިން ޒިޔާރަތެކެވެ.
ފުލުހުންގެ މި ހާއްސަ އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ، ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދަށް ބަދަލުގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވާ މީހުން ހިމެނެއެވެ.
އަދި ސައިކަލްގެ ހަރު ބިންމަތީގައި ގާނަމުން ދުއްވުމާއި، ދުވެލިމަތަ ތަކަށް މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ކަމާގުޅޭ އިދާރާތަކުގެ ހުއްދަ ނުނަގައި ރޭސްޖެހުމާއި ހުނަރުދެއްކުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރާ ފަރާތައްވެސް ހިމެނެއެވެ.
މީގެ އިތުރުން މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލުމާއި ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުގައިވެސް ފުލުހުން މި އޮޕަރޭޝަންގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.
މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވުމުގެ މައްސަލަތައް ބޮޑަށް ފާހަގަކުރެވޭ ހުޅުމާލޭގެ މަގުތަކަށާއި، ސިނަމާލެ ބްރިޖާއި މާލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭއަށެވެ. މީގެ އިތުރުން، މުޅި ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭހެން މި އޮޕަރޭޝަންގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޙަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނަޢީމް މީގެކުރިން ވިދާޅުވެފައިވަނީ، މައިގަނޑު އަމާޒަކީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން މި އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށްދަނީ މި އޮކްޓޫބަރު 1 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނު (ގާނޫނު ނަންބަރު 16/2026) ގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.



.jpeg?w=3840&q=75)


.jpg?w=3840&q=75)

