


.jpg?w=3840&q=75)





"ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ" އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.
މިއީ ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިންގ ހިދުމަތްތައް އިތުރުކުރުމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމުގެ ބޭނުމުގައި، ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ފައިނޭންސިންގއެކެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއެކު، އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ ޔޫއެސް ޑޮލަރުން ފެސިލިޓީ އަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކޮށްފައިވާ މި ފެސިލިޓީ އަށް ކަނޑައެޅިފައިވަނީ %7.5 ގެ ކުޑަ ފައިދާ ރޭޓެއް ކަމަށެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިންގ ފުރުސަތެކެވެ.ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ މެދުވެރިކޮށް 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިންގ ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިންގ ބޭނުންކުރެވޭނެއެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.



.jpg?w=3840&q=75)




