
ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޕަރޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.
މި ޕަރޓްނަރޝިޕްގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާއެކު، ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ މުރަކަ ފާމްގެ އެއްބާރުލުމާއެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރީސާޗް އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޔުނެސްކޯ ބަޔޯސްފިއަރ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި، މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ވެސް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ފަރުތައް އާލާކުރުމާއި ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 30- 50 ނާސަރީ ސްޓްރަކްޗަރ އެކުލެވޭގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މުރަކަ އިންދުމާއި އާލާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމާއި، ޒުވާނުންނަށް ހާއްސަ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގައި، މުޖުތަމައުގެ ބައިވެރިވުމާއެކު ފަރުތަކުގެ ދިރުން އަލުން އިއާދަކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމް ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށްފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާއި އެކު ހާއްސަ ފެސްޓިވަލެއް ވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ.
މި ޕާޓްނަޝިޕް ގާއިމުކުރުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން، ދިރާގުގެ ސީނިއަރ މެނޭޖަރ ކޯޕަރޭޓް ސޯސަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިގޮތުގައި، "މުރަކަ ފާމްއާއި ދަރަވަންދޫ މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި މުހިންމު ޕްރޮގްރާމްގައި ސޮނޭވާ ސީ.އެސް.އެމް އާއެކު ޕާޓްނަރ ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމް އެންމެ ހާއްސަ ވާ ސަބަބަކީ، މިއީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުން. މީގެ ސަބަބުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަންފޯރުކޮށްދެވިގެންދާނެ."
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، ޖޯހާނާ ލިއޮންހާޑް (ޕީ.އެޗް.ޑީ) ވިދާޅުވިގޮތުގައި، "ދިރާގާއި ގުޅިގެން މުރަކަ ފާމާއި، ސީދާ ދަރަވަންދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުރަކަ ރެސްޓޯރޭޝަން ޕްރޮގްރާމަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައުތެރޭގައި ދިރުވައިގެން. އެހެންކަމުން، ދިރުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނު ތަކާއެކު މުޖުތަމައު ބާރުވެރިކުރުވާ، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން. އަޅުގަނޑުމެން އުންމީދު ކުރަނީ މީގެ ސަބަބުން އެ ރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން، މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތަކަށް ވެގެންދިޔުން."
ސޮނޭވާ ސީ.އެސް.އެމް އަކީ މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރާސާތައް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަސައްކަތްތައް ބިނާވެފައިވަނީ ސައިންޓިފިކް ދިރާސާތަކާއި އަމަލީ ގޮތުން ފަރުތައް އިއާދަކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި، ތައުލީމާއި ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ރާއްޖޭގެ ފަރުތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ދިރުންތައް ދެމެހެއްޓުމަށްޓަކައި، ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް މި ޖަމިއްޔާއިން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މުޖުތަމައުތައް ބާރުވެރިކުރުމަށް އިސްކަންދީ، ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުން ދެއެވެ.
















.png?w=3840&q=75)