



.jpeg?w=3840&q=75)




ދާދިފަހުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދިން ޤައުމީ ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމުގެ އަގުވަޒަންކުރުން، ކުރިއަށް އޮތް އެފްއޭއެމް އެވޯޑް ނައިޓްގައި ބޭއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެފްއޭއެމް އިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޙަފްލާގައި އަގުވަޒަންކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ސުޕަކަޕް ކާމިޔާބުކުރި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި، ސާފުގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޤައުމީ ފުޓްސަލް ޓީމެވެ.
މި ދެ މުބާރާތުގައި ވާދަކޮށް ތަށި އުފުލައިލި ދެ ޓީމުގެ ކުޅުންތެރިންނާއި، ކޯޗިންގ ސްޓާފުންގެ އިތުރުން ޓީމުގެ އޮފިޝަލުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ހަނދާނީ ލިޔުމެއް އެވޯޑް ނައިޓްގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއަށް ރީތި ނަމާއި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ މި ދެ ޓީމުގެ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޙައްޤުވާ ޝަރަފާއި ސާބަސް އެރުވުމަކީ އެ އެސޯސިއޭޝަނުން ނުހަނު ބޮޑު އިސްކަމެއްދޭ ކަމެކެވެ. އަދި މިއީ ދިވެހި ކުޅިވަރުގެ ތާރީޚުގައި، ޚާއްޞަކޮށް ފުޓްބޯޅައާއި ފުޓްސަލްގެ ދާއިރާއިން މުޅި ޤައުމު ފަޚުރުވެރިވާފަދަ ތާރީޚީ ބޮޑު ކާމިޔާބީއެއް ކަމަށްވެސް އެފްއޭއެމުން ބުނެފައިވެއެވެ.
އެސޯސިއޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިފަދަ ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ މައިގަނޑު އަމާޒަކީ ކުޅުންތެރިންގެ ހިތްވަރު އައުކޮށްދީ، ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކާމިޔާބީތައް ހޯދުމަށް މަގުފަހިކޮށް، ހިތްވަރު ދިނުމެވެ.




.jpeg?w=3840&q=75)



