




.jpeg?w=3840&q=75)



ދިވެހިރާއްޖޭގެ ޞިއްޙީ ފަރުވާގެ ނިޒާމަކީ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވި، ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިނގަމުންދާ ނިޒާމެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޞިއްޙީ ޚިދުމަތަކީ ވަކި ހަމަތަކަކުން ރެގިއުލޭޓް ކުރެވިފައިވާ ޕްރޮފެޝަނެއް ކަމަށާއި، މި ދާއިރާއިން ދެވޭ ޚިދުމަތްތައް ރެގިއުލޭޓްކޮށް، އޭގެ ފެންވަރު އެކަށައެޅި ބެލެހެއްޓެމުންދާ ކަމަށެވެ. އަދި ޚިދުމަތް ދެއްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނޮލޮޖިސްޓުން ހިމެނޭހެން ހުރިހާ ފަންނީ މުވައްޒަފުންނަކީ ވެސް އެކަށީގެންވާ ތަމްރީން ލިބިފައިވާ، ލައިސަންސް އޮތް ފަރާތްތައްކަން ކަށަވަރުކުރެވެމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރަޙައްދުގެ އަވަށްޓެރި ބައެއް ޤައުމުތަކަށްވުރެ ވެސް ރާއްޖޭގެ ޞިއްޙީ ނިޒާމު ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކަމަށާއި، ޞިއްޙީ ދާއިރާގެ އެއްވެސް އިހުމާލެއްގެ މައްސަލަ ސަމާލުކަމަށް އަތުވެއްޖެނަމަ، އެކަމެއް ވަގުތުން ތަޙުޤީޤުކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި އޮތްކަން ވަޒީރު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޞިއްޙީ އިހުމާލުގެ މައްސަލަތަކާ ގުޅިގެން ވުޒާރާއިން ބަޔާންތައް ނެރެންޖެހޭ މައިގަނޑު ސަބަބަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައްޔާއި މީޑިއާތަކުގައި މިފަދަ ހާދިސާތަކުގެ ވާހަކަ ހިއްސާކުރާއިރު، ހާމަކުރަން ނުޖެހޭ މިންވަރަށް މާ ބޮޑަށް ތަފްސީލުކޮށް މައުލޫމާތު ހާމަކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިގޮތަށް މައުލޫމާތު ފެތުރުމުގެ ސަބަބުން އެތައް ބައެއްގެ ޒާތީ މައުލޫމާތު ހާމަވެގެންދޭ. އަދި ހިއްސާކުރަން ނުޖެހޭ ވަރަށް މައުލޫމާތު ފެތުރުމަކީ ކުރިއަށްދާ ތަހުގީގުތަކަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅިގެންދާ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ ހައްސާސީ މައްސަލަތަކުގައި މީޑިއާތަކުންނާއި އާންމު ރައްޔިތުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، ތަހުގީގުތަކަށް ހުރަސްއެޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މައްސަލަތައް އިންސާފުވެރިކަމާއެކު ބެލުމަށްޓަކައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް ވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ހަމަ ހިނި އަންނަނީ. ކަލޭ ދޭބަލަ އަވަށްޓެރި ގައުމުތަކަށް އެތަންތާ ނިޒާމު އޮންނަގޮތް ބަލަން
ކަލޭމެންގެ ގާބިލް ކަމުން އަހަރެންގެ ބޭބެގެ ބްލެޑާއަށް އަޅަންޖެހޭ ޓާގެޓް ތެރަޕީ އެހެން މީހަކަށް އައިވީކޮށް ދިނީ. މީހެއްގެ ފުރާނަ ގެއްލިދިޔައިރު ކަލޭމެން އެމައްސަލަބެލތަ. އިހުމާލުވި ފަރާތައް ފިޔަވަޅު އެޅިތަ. ކަލޭމެން ރެގިއުލޭޓް ކުރާލެއް މޮޅުކަމުން އަތައް ޖަހަން ޖެހޭ ވެކްސިނެއް ފައިގެ ފަލަމަސްގަނޑަށް ޖަހާ ކުޑަކުއްޖަކުގެ ފައި ކުނިކޮށްލީ. ކަލޭމެންގެ ގާބިލުކަމުން އަހަރެންގެ ބޭބެގެ ކިޑްނީ ހިލަނަގަން އުޅެ ބްލެޑާ ފޫވައްޓާލީ. ކަލޭމެން އެކަންކަން ފޮރުވައިގެން ތިއްބަސް އަހަރެމެންނާއި އަހަރެމެންގެ އާއިލާއަށް ލިބޭ ގެއްލުން ތަކުގެ ވާހަކަ އަހަރެމެން ހާމަކުރާނަން. ތަފްސީލުކޮށް ހާމަކުރާނަން. މިއީ އަހަރެމެންގެ ހައްގެއް.




