
-
އޮންލައިން ވިޔަފާރިތަކާއި ޑިޖިޓަލް މުއާމަލާތްތައް ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު އެއް ބަޔަށް ވެފައިވާއިރު، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ނުރައްކާތެރި ސްކޭމްތައް މިއަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިންގާ ފޭކް ޕޭޖުތަކާއި، މަޝްހޫރު ވިޔަފާރިތަކުގެ ނަމުގައި ހަދާފައިވާ ވަގު އެކައުންޓްތައް މެދުވެރިކޮށް އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދާ ފައިސާ ފޭރިގަންނަމުންދަނީ އެސްފިޔަ ޖަހާހާ އަވަހަށެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ސާފުވާ ގޮތުގައި، މިއީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލައެއް ނޫނެވެ. މިއީ އާންމުންގެ ހޭލުންތެރިކަމާއި އަސާސީ މައުލޫމާތު ޔަގީން ނުކުރުމުގެ ސަބަބުން ފުޅާވަމުންދާ ނުރައްކާތެރި ވިއުގައެކެވެ.
މި މައްސަލައިގެ އަސްލު އެންމެ ސާފުކޮށް ފެނިގެންދަނީ ފުލުހުން ފާހަގަކުރައްވާ ވަރަށް އާދައިގެ، ނަމަވެސް ބޮޑު ހަގީގަތަކުންނެވެ. މަޝްހޫރު ބޮޑެތި ފިހާރަތަކުގެ ނުވަތަ ވިޔަފާރިތަކުގެ ނަމުގައި ސޯޝަލް މީޑީއާގައި ހަދާފައި ހުންނަ ޕޭޖްތަކުން ތަކެތި ގަންނައިރު، ފައިސާ ޖަމާކުރަން ދީފައި އޮންނަނީ ކޮންމެވެސް އަމިއްލަ ފަރުދެއްގެ އަމިއްލަ އެކައުންޓަކަށެވެ.
ފިހާރައިގެ ރަސްމީ ކުންފުނީގެ ނަން ނޫން އެހެން ނަމެއް އެކައުންޓުގައި އޮންނައިރުވެސް، އަގު ހެޔޮވުމުގެ ސަބަބުންނާއި އަވަސް އަރުވާލައިގެން ކުރެވޭ މުއާމަލާތްތަކުގެ ތެރޭގައި އެކަން ބަލައިލަން ގިނަ ފަހަރަށް ހަނދާން ނެތެނީއެވެ. ކުންފުންޏެއްގެ ނަމުގައި ހިންގާ މުއާމަލާތެއްގައި، އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަކީ ސްކޭމެއްކަން އަންގައިދޭ އެންމެ ފުރަތަމަ "ރެޑް ފްލެގް" އެވެ. ނަމަވެސް އެވަރުވެސް ބަލައިނުލެވި އެތައް ބަޔަކު މަޅީގައި ޖެހެމުންދާ ދިއުމަކީ މިފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ލިބޭ ބޮޑު ހިތްވަރެކެވެ.
ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގައި މުދާ ވިއްކުމުގެ ނަމުގައި ޕޭޖުތައް ހަދައި، ބާޒާރުގެ އަގަށްވުރެ އެތައް ގުނައެއް އަގުހެޔޮކޮށް ފަރުނީޗަރާއި، އިލެކްޓްރޯނިކްސް އަދި އެހެނިހެން މުދާ ލިބެން ހުންނަ ކަމަށް ބުނެ ޕޯސްޓްތައް ދައުރުކުރުމަކީ މިފަދަ މީހުންގެ މައިގަނޑު އުކުޅެވެ. ސްޕޮންސަރ ކޮށްގެން ދައްކާ މިފަދަ އިޝްތިހާރުތަކަށް އިތުބާރުކޮށް، ފައިސާ ފޮނުވާ ހިސާބުން އެ މީހަކު ބްލޮކްކޮށް، ފޭޖު ޑިލީޓްކޮށްލުމަކީ ދުވަހުން ދުވަހަށް ތަކުރާރުވަމުންދާ މަންޒަރެކެވެ. އަދި ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ދިގުލައިގެންދާ، ނުހަނު އުނދަގޫ ކަމަކަށް ވެގެންދެއެވެ.
މި ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އެޅެން އޮތް އެންމެ ބޮޑު ބާރަކީ ފަރުދީ ހޭލުންތެރިކަމެވެ. އެއްވެސް ވިޔަފާރިއަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ކުރިން، އެއީ ރަޖިސްޓްރީވެފައިވާ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރުކުރުމާއި، ކުންފުނީގެ އެކައުންޓަށް މެނުވީ ފައިސާ ނުފޮނުވުމަކީ ކޮންމެ މީހަކުވެސް ކަށަވަރުކުރަންޖެހޭ އަސާސީ ކަމެކެވެ.
މީގެ އިތުރުން، ބޭންކުތަކާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން، ޝައްކުކުރެވޭ އެކައުންޓްތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ ނިޒާމު މިއަށްވުރެ ހަލުވިކުރަންޖެހެއެވެ. ކިތަންމެ ވަރުގަދަ ސަލާމަތީ ނިޒާމެއް އޮތް ނަމަވެސް، ތިމާގެ ޖީބުން ނުކުންނަ ފައިސާއަށް ފަރުވާތެރި ނުވެވިއްޖެނަމަ، ސްކޭމަރުންގެ ދަލުގައި ޖެހުމުގެ ބިރު އަބަދުވެސް އޮންނާނެއެވެ.












