








މީރާ ކަޕޫރު އޭނާގެ ދެދަރިންނާއެކު
ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ކަޕޫރަކީ ސިއްހަތަށް ފައިދާހުރި ދިރިއުޅުމެއް އުޅުމަށް އަބަދުވެސް ލޯބިކުރާ، އެކަމާ ބެހޭ ގޮތުން ވާހަކަދައްކާ ފަރާތެކެވެ.
ދާދިފަހުން މީރާ ވަނީ އޭނާގެ ދެ ދަރިން ކަމަށްވާ މިޝާ އާއި ޒެއިންގެ ކެއިންބުއިމުގެ ކަންކަމުގައި އޭނާ ގެންގުޅޭ އުސޫލުތައް އާންމުންނާ ހިއްސާކޮށްފައެވެ.
މީރާ ބުނިގޮތުގައި، ކުޑަކުދިންނަށް ރަނގަޅު ނިއުޓްރިޝަން ނުވަތަ ފައިދާހުރި ކާނާ ދިނުމަކީ އެކުދިންނާ މެދު ހަރުކަށި އުސޫލުތަކެއް ގެންގުޅުމެއް ނޫނެވެ.
ކުޑަކުދިންނަށް ކާންދިނުމުގައި މީރާ އެންމެ ބޮޑު އިސްކަމެއް ދެނީ 'ބެލެންސް' ކުރުމަށެވެ. އެއްވެސް އެއްޗެއް މުޅިން މަނާކޮށް، ކުދިންނަށް މަޖުބޫރު ކުރުމުގެ ބަދަލުގައި، މީރާ ބޭނުންވަނީ ކާބޯތަކެއްޗާމެދު ކުދިންގެ ހިތުގައި ރަނގަޅު ތަސައްވުރެއް އުފެއްދުމަށެވެ. މީގެ ސަބަބުން، ކުދިން އަމިއްލައަށްވެސް ފައިދާހުރި ތަކެތި ކެއުމަށް ޝައުޤުވެރިވެ، ކެއުމުގެ ވަގުތަކީ އުނދަގޫ ކަމަކަށް ވުމުގެ ބަދަލުގައި އުފާވެރި ވަގުތަކަށް ވެގެންދެއެވެ. މީރާ ގަބޫލުކުރާ ގޮތުގައި ކުދިންނަށް ބޭނުންވާ ފައިދާހުރި ކާނާ ދިނުމާއެކު، ބައެއް ފަހަރު ކުދިން މީރުކޮށް ކާލާ ހިތްވާ އެއްޗެހި ވެސް ދިނުމަކީ މުހިންމު ކަމެކެވެ.
މީރާގެ މި ވިސްނުމަށް ގިނަ މައިންބަފައިންނެއް ދަނީ ތާއީދުކުރަމުންނެވެ. ސަބަބަކީ، ކުޑައިރުއްސުރެ ކެއުމުގައި ހަރުކަށި ގަވާއިދުތަކެއް ގެންގުޅުމުގެ ބަދަލުގައި، ހަށިގަނޑަށް ފައިދާހުރި ކާނާ ބެލެންސްކޮށްގެން ދިނުމަކީ ކުދިން ބޮޑުވަމުން އަންނައިރު ދުޅަހެޔޮ އާދަތަކެއް ހަރުލުމަށް މަގުފަހިވާނެ ކަމަކަށް ވާތީއެވެ.




