








މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރިއަށްގެންދާ "ޓްރެކްޓް" މަޝްރޫޢާ ގުޅޭގޮތުން ޤައުމީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު ބާއްވާ ތަޢާރަފީ ޓެކްނިކަލް ބައްދަލުވުންތައް ފަށައިފިއެވެ.
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާއެކުގައެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، މި މަޝްރޫޢު ތަންފީޛުކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި، މޫސުމީ ކާރިސާތަކާއި އެހެނިހެން ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިތުރުން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ.
"ޓްރެކްޓް" މަޝްރޫޢަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ގެ އެހީގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު އިސްނެގުމެކެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތަކުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ހުރި ޤާބިލުކަން އިތުރުކޮށް، ކަމާބެހޭ އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތައް ގުޅިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް މަޝްރޫޢުގެ ބައިވެރިންނާއެކު އިތުރު ޓެކްނިކަލް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.








