
ހުޅުމާލޭގެ މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އަދި ދީނުގެ އެންމެ މުހިންމު ތަނބެވެ. މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ދުވާލަކު ފަސް ވަގުތު ނަމާދު ފަރުޟުކުރައްވާފައެވެ. މި މަތިވެރި އަޅުކަން އަދާކުރުމުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ޤާއިމުކުރުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ.
އިސްލާމްދީނުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ޙުކުމަށް ބަލާއިރު، ކުޅަދާނަކަން ލިބިގެންވާ ބާލިޣު ފިރިހެނުންގެ މައްޗަށް ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެކެވެ.
މި ޤައުލަކީ عطاء بن أبي رباح އަދި މަޝްހޫރު ތާބިޢީ الحسن البصري އާއި الأوزاعي އަދި أبي ثور ގެ އިތުރުން الإمام أحمد ގެ މަޛްހަބުގައި ބަޔާންކޮށްފައިވާ ޤައުލެވެ. އަދި މިފަދައިން الإمام الشافعي އިޚްތިޔާރު ކުރައްވާފައިވާ ޤައުލުވެސްމެއެވެ.
ހަމައެއާއެކު، އުއްމަތުގެ ވަރަށްވެސް ގިނަ ސަލަފުއް-ޞާލިޙުން މިފަދައިން ވިދާޅުވެފައިވެއެވެ. އަދި މި ޤައުލަކީ الإمام البخاريُّ، ابنُ المنذرِ، ابنُ حَزْمٍ، އަދި شيخ الإسلام ابنُ تيميَّة ގެ އިތުރުން ފަހުގެ ދުވަސްތަކުގައި އިސްލާމީ އުއްމަތް ދުށް އެންމެ ބޮޑެތި ޢިލްމުވެރި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام ابنُ باز އަދި الإمام ابن عُثَيمين ދެކިވަޑައިގަންނަވާ ޤައުލެވެ.ފިރިހެނުންގެ މައްޗަށް ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބުވެގެންވާ ޢަމަލެއްކަން ބަޔާންކުރައްވާ ޢިލްމުވެރިން ގެންނަވާފައިވާ ދަލީލުތައް ނުހަނު ގިނަގުނައެވެ.
އޭގެ ތެރޭގައި ކީރިތި ޤުރުއާނުން ލިބޭ ދަލީލުތަކަށް ބަލާއިރު، މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.﴿وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْކَعُوا مَعَ الرَّاكِعِينَ﴾ (سورة البقرة: 43)މާނައީ: ”ތިޔަބައިމީހުން ނަމާދު ޤާއިމްކުރާށެވެ. އަދި ޒަކާތްދޭ ހުށިކަމެވެ. އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ރުކޫޢު ކުރާހުއްޓެވެ.“
މި އާޔަތުގައި ”ރުކޫޢުކުރާ މީހުންނާ އެކުގައި ރުކޫޢުކުރާށޭ“ އޮތް ބަސްފުޅުން ދަލީލުކޮށްދެނީ، އެކަނި ނަމާދުކުރުމުގެ ބަދަލުގައި އެހެން މީސްތަކުންނާއެކު ޖަމާޢަތުގައި ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވާފައިވާ ކަމެވެ. ޝަރުޢީ އަމުރުތަކުގެ އަޞްލަކީ ވާޖިބުވުމެވެ.
ޖަމާޢަތުގައި ނަމާދުކުރުމަކީ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކޮށްދޭ، އަދި އިސްލާމީ ޝިޢާރުތައް ފާޅުވެގެންދާ މަތިވެރި އަޅުކަމެކެވެ. ދީނުގެ ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޞަރީޙަ ދަލީލުތަކުން އެނގިގެންދަނީ އުޛުރެއްނެތި ފިރިހެނުން މިސްކިތުގެ ޖަމާޢަތް ދޫކޮށްލުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.
އެހެންކަމުން، ކޮންމެ މުސްލިމު ފިރިހެނަކުވެސް ނަމާދުގެ ބަންގީގެ އަޑު އިވުމާއެކު މިސްކިތަށް ދިޔުމަށް އަވަސްވެގަނެ، ޖަމާޢަތުގައި ބައިވެރިވުމަކީ ދީނީ ގޮތުން ކޮންމެހެން އަދާކުރަންޖެހޭ މުހިންމު ވާޖިބެކެވެ.












