








ލ. ގަމުގައި ތަރައްޤީކުރަމުން އަންނަ ނޭޗަރ ޕާކުގެ ވިޒިޓަރ ސެންޓަރުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ ހިލޭ އެހީގެ ދަށުން ހިންގާ "އެންދެރި" ޕްރޮޖެކްޓް މެދުވެރިކޮށް، ލ. ގަމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ވިޒިޓަރ ސެންޓަރަކީ ތިމާވެށްޓާ ގުޅޭ ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމަށާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޤުދުރަތީ މާޙައުލުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގެ ބޭނުމުގައި ޤާއިމުކުރެވޭ ތަނެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލ. ގަމުގައި މި ބިނާކުރެވޭ ވިޒިޓަރ ސެންޓަރަކީ ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރެކެވެ.
މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ޤުދުރަތީ ރީތިކަން ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.








