








ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ސަހުލާ- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ ހެންވޭރުގައި ހުންނަ މަސްޖިދު އިބްރާހީމް މިސްކިތް އެއްކޮށް އޭސީ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ސަހުލާ އެވެ.
މިކަމާ ގުޅިގެން ސަހުލާ ވިދާޅުވީ ދެ ބުރިއަށް ހަދާފައިވާ މަސްޖިދު އިބްރާހިމަކީ ހެންވޭރުގެ ބައިވަރު މީހުން ނަމާދު ކުރުމަށް ބޭނުންކުރާ މިސްކިތެއްކަމާއި، މިސްކިތުގައި ވަރަށް ބޮޑަށް ހޫނުގަދަވަމުންދާތީ، ނަމާދުކުރުން އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިސްކިތް އޭސީ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
މިކަމަށް ދާނެ ހަރަދުތައް ފާހަގަކޮށް ސަހުލާ ވިދާޅުވީ ކައުންސިލުން ހެދި އެސެސްމެންޓުން ދައްކާގޮތުގައި މިސްކިތުގެ ދެ ފަންގިފިލާ އެއްކޮށް އޭސީ ކުރުމަށްޓަކައި މަދުވެގެން 24،000 ބީޓީޔޫގެ 26 އޭސީ ބޭނުންވާނެކަމާއި،އެއީ ގްރައުންޑް ފްލޯއަށް 14 އޭސީ އަދި ފުރަތަމަ ފަންގިފިލާއަށް 12 އޭސީ ކަމަށެވެ.
މީގެއިތުރުން ސަހުލާ ވަނީ މޭޔަރު އާދަމް އާޒިމް އާއި ކައުންސިލަރުންގެ އިތުރުން މުވައްޒަފުން މިސްކިތްތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަސްޖިދު އިބްރާހީމަށް ވެސް މި ދައުރުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާކަމަށްވެސް ސަހުލާ ފާހަގަކުރެއްވި އެވެ.
ސަހުލާ ވަނީ ސަރުކާރުން ސިޓީ ކައުންސިލަށް ކުރަމުންދާ ޖެއްސުންތައް ހުއްޓާލުމަށް ވެސް ގޮވާލައްވާފަ އެވެ.
އެގޮތުން އޭނާ ވިދާޅުވީ، ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މޭޔަރާއި ކައުންސިލަރުންގެ ބާރުތައް ނަގައި، މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، މިސްކިތްތަކާއި މަގުތައް ބެލެހެއްޓުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.








