

.jpeg?w=3840&q=75)
.jpg?w=3840&q=75)





ފޮޓޯ: އަޙްމަދު ރީހާން - ގާފު
ހދ. ކުޅުދުއްފުށިން ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ވަގަށް ނެގި މީހަކު ޖަލަށް ލާން އެސިޓީގެ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ރަށު ވައިޓްހާޑް، މުޙައްމަދު ނަބީލް އަޙްމަދުގެ މައްޗަށް އެ ސިޓީގެ މެޖިސްޓްރޭޓް ކޯޓުން އެއް އަހަރާއި ދެ މަހަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރީ މި އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ހިންގި ވައްކަމުގެ ހާދިސާއަކާ ގުޅިގެންނެވެ.
އޭނާ ވަނީ ހުއްދަ ނެތި "ޑިސްކަވަރީ" ދޯނީގެ އޮޑިހަރުގެއަށާއި "އެތުމާ ހިތްތަލަ" ނަމަކަށް ކިޔާ ގުދަނަށް ވަދެ، އެ ތަންތަނުން ޗެއިން ސޯ، ޑްރިލް، ގްރޭންޑަރު، ރެންޗް ސެޓުތައް ފަދަ ގިނަ އާލާތްތަކެއް ވަގަށް ނަގާފައެވެ. އަދި ބައެއް ޗެއިން ސޯތައް މޫދަށް އެއްލާލައި ގެއްލުންދީފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާކަމަށް ހުކުމުގައި ވެއެވެ.
ދައުލަތުން އުފުލި ވައްކަމުގެ ދެ ދަޢުވާއާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދެ ދަޢުވާއާއި މުދަލަށް ގެއްލުންދިނުމުގެ ދަޢުވާއަށް ނަބީލް ވަނީ ކޯޓުގައި އިޢުތިރާފުވެފައެވެ.
މި މައްސަލަ ބެއްލެވީ އިސް މެޖިސްޓްރޭޓް މުޙައްމަދު އިސްމާޢީލްއެވެ. މެޖިސްޓްރޭޓް ނިންމެވީ، ވައްކަމުގެ މައިގަނޑު ދަޢުވާއަށް 7 މަހާއި 25 ދުވަހުގެ ޖަލު ޙުކުމެއް ކަނޑައެޅުއްވުމަށެވެ. އެއީ ތަޙުޤީޤު މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 53 ދުވަސް ކެނޑުމުން އައި އަދަބެޗެ.
މީގެ އިތުރުން ސާބިތުވި އަނެއް ހަތަރު ދަޢުވާއަށް، ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަދަބު ކުޑަކުރުމުގެ އުސޫލުގެ ދަށުން، އިތުރު 6 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފައެވެ.
ޖަލު ޙުކުމުގެ ބަދަލުގައި ގޭބަންދަށް ބަދަލުކޮށްދިނުމަށް ނަބީލްގެ ފަރާތުން ވަނީ އެދިފައެވެ. އެހެންނަމަވެސް، ކޯޓުން އެކަމަށް އިންކާރުކޮށް، މެޖިސްޓްރޭޓް ނިންމެވީ އެއް ޙާދިސާއެއްގެ ތެރެއިން ގިނަ ކުށްތަކަކަށް އޭނާ އަރައިގަނެފައިވާތީ، ޙުކުމުގެ ބާވަތް ލުއިކޮށްދެވެން ނެތް ކަމަށެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)
