








މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސް ވަފުދެއް، އދ. ދިގުރަށު ކައުންސިލާ ބައްދަލުކުރައްވައި އެރަށަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދިގުރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށާއި، އަދި ޔޫޓިލިޓީ ޚިދުމަތްތަކާ ގުޅިގެން ރަށަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ.
ދިގުރަށު ކައުންސިލުން ވަނީ މި މައްސަލަތަކުގެ ސަބަބުން ރަށުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި މިކަންކަމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުން ވަނީ މި މައްސަލަތަކަށް ޢަމަލީ ގޮތުން ގެނެވިދާނެ އަވަސް ހައްލުތަކަކީ ކޮބައިތޯ ބަލައި، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން، ދިގުރަށުގެ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.








