
ބ. އޭދަފުށީގައި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ޒަރޫރީ ޚިދުމަތްތަކުގެ ފެންވަރު ބައްލަވާލެއްވުމަށް އެންވަޔަރްމެންޓ މިނިސްޓަރ ޢަލީ ޝަރީފް އެ ރަށުގެ އިންޖީނުގެއާއި، ފެނާއި ނަރުދަމާ ޚިދުމަތް ދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ އޭދަފުށީގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ހިނގަމުންދާ ގޮތް ވަޒަންކުރެއްވުމެވެ. އަދި މި ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އިތުބާރާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.
މީގެއިތުރުން އޮޕަރޭޝަނަލް ގޮތުން މަސައްކަތްތަކުގެ ހިންގުން މިހާރަށްވުރެ ހަލުވިކޮށް ފުރިހަމަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މި ދަތުރުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ސްޓެލްކޯއިން އޭދަފުށީގައި ދެމުންގެންދާ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ބައްލަވާލެއްވުމަށްފަހު، އެ ތަންތަނުގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް މިނިސްޓަރ ވަނީ އޮޅުންފިލުއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި އަދި ޒަމާނީ ފެންވަރެއްގައި ފޯރުކޮށްދިނުން ކަމުގައި މި ބައްދަލުވުންތަކުގައި ފާހަގަކުރެއްވިއެވެ.
















