
ރަފީނިއާ އަދި ޔަމާލް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި އެތްލެޓިކޯ ބިލްބާއޯ އަތުން މޮޅުވެފައިވާއިރު، ރަޔޯ ވަޔޮކާނޯ އިން ލީގުގައި އެންމެ ފަހުން އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ބާސެލޯނާގެ ކޭމްނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވަޔޮކާނޯ އިންނެވެ. ނަމަވެސް ގާތްގާތުގައި ކާމިޔާބުކުރި ދެލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ބާސެލޯނާ އިންނެވެ. އަދި މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކުރުއިރު، ވަޔޮކާނޯ އިން ވެސް ވަނީ ދެވަނަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ބާސެލޯނާގެ ކެޕްޓަން ރަފީނިއާ އަދި ޒުވާން ފޯވާޑް ލަމީން ޔަމާލް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ވަޔޮކާނޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މީގެ އިތުރުން މިމެޗުގައި ރަޔޯ ވަޔޮކާނޯގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސާޖިއޯ ކަމޭލޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.











.png?w=3840&q=75)




