








-
އަމީނީ މަގުގައި މިހާރު އަލުން މަރާމާތުކުރަމުންދާ ސަރަޙައްދުގައި ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަޙައްދު ހަލާކުވުމާ ގުޅިގެން މަރާމާތުކުރަން ނިންމާފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. މީގެ ތެރެއިން ސެގްމަންޓް 1 ގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮތް ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތުގެ ތެރެއިން މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތަކަށާއި ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލުތައް ގެންނަމުންދެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މަގުގެ ސަބް-ގްރޭޑްގެ މަސައްކަތްތައް ނިމި، އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އަދި އެއަށްފަހު ވަގުތުން ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
މި ސަރަޙައްދު މީގެކުރިން އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ބޮޑެތި ބަސްތަކާއި ހެވީ ވެހިކަލްތައް ގިނައިން ދުއްވާ ސަރަޙައްދަކަށް ވުމުގެ އިތުރުން، ކުރިން ތާރު އެޅުމަށްފަހު ރަނގަޅަށް ހިކުމުގެ ކުރިން އާންމު ދަތުރުފަތުރަށް ހުޅުވާލުމެވެ. ނަމަވެސް މިފަހަރު މަސައްކަތް ކުރިއަށްގެންދަނީ މަގުގެ ކޮލިޓީ އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓޭނެ ގޮތަށް ބަލައިގެންނެވެ.
ސެގްމަންޓް 1 ގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
އެމްޓީސީސީން އަމާޒު ހިފާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އަމީނީ މަގުގެ މަރާމާތު އެއްކޮށް ނިންމާލުމަށެވެ. މީގެއިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުން ހަލާކުވެފައިވާ ބައިތައް މަރާމާތުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.








