








ފުލުހުންގެ މައި އޮފީސް
ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވަނީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުން ކަމަށާއި މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއްކަމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށާއި އެހެންކަމުން މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުއްވުން ވެސް އެދިފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުން އަންނަކަމުގައި ވަނީ ބުނެފައެވެ.




