
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިޙްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސިޓީ ފޮނުއްވާފައެވެ.
ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިޙްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެޤައުމުގެ އިޤްތިޞާދީ ގުޅުންތައް ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްޙަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.








.jpg?w=3840&q=75)




.jpg?w=3840&q=75)


