



.jpg?w=3840&q=75)




މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަސް ބަލާއިރު، 2025ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12,040,524.09 ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާއިރު، 2026ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް، 1.75 މިލިއަން ރުފިޔާ، ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. މި ބައިގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.
"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.




.jpg?w=3840&q=75)