








ބޮލީވުޑް އެކްޓަރ އަބިމަންޔޫ ސިންގް
ބޮލީވުޑްގެ އެކްޓަރ އަބިމަންޔޫ ސިންގް، އޭނާ އިންސްޓަގްރާމްގައި ނެތުމުގެ ސަބަބުން ވަރަށް ބޮޑު އިޝްތިހާރެއްގެ ފުރުސަތު ގެއްލުނު ކަމަށް ބުނެފިއެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި އަބިމަންޔޫ ވަނީ، އިންޑަސްޓްރީގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާމެދު އޭނާގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އޭނާ ބުނި ގޮތުގައި، އެކްޓަރަކަށް މަސައްކަތް ނުވަތަ ރޯލެއް ލިބުމުގެ މިންގަނޑަކީ ސޯޝަލް މީޑިއާގައި އޭނާގެ ކިތައް ފޮލޯވަރުން ތިބިކަން ކަމުގައި ވެގެން ނުވާނެއެވެ. އަދި އޭނާ އިންސްޓަގްރާމް ބޭނުން ނުކުރާތީ، ލިބެން އޮތް ވަރަށް ބޮޑު އިޝްތިހާރެއް ގެއްލުނު ކަމުގެ ހިތާމަވެރި ތަޖުރިބާ އޭނާ ވަނީ ހިއްސާކޮށްފައެވެ.
މިހާރުގެ އިންޑަސްޓްރީގައި ކާސްޓިންގ ޑައިރެކްޓަރުންނާއި ބްރޭންޑްތަކުން ތަރިންގެ ސޯޝަލް މީޑިއާ ޕްރެޒެންސަށް ބޮޑު ސަމާލުކަމެއް ދެއެވެ.
ނަމަވެސް އަބިމަންޔޫ ފަދަ ހުނަރުވެރި އެކްޓަރުން ގަބޫލުކުރާ ގޮތުގައި، މަސައްކަތް ދިނުމުގައި އެންމެ ބޮޑަށް އިސްކަންދޭންވާނީ މީހާގެ ހުނަރަށާއި އެކްޓިންގ އަށެވެ.
ސޯޝަލް މީޑިއާގެ މަގުބޫލުކަމަށް ބަލައިގެން ކާސްޓްކުރުމަކީ ހުނަރުވެރި އެތައް ފަންނާނުންނަކަށް ލިބޭ ބޭއިންސާފެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.




