





.jpeg?w=3840&q=75)


013-ameer-869x580
އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
މިހާރަށް ބަލާފައި ސިޔާސަތުކަށް ބަދަލު ނުގެންނަނަމަ 2025 ވަނަ އަހަރަށް ދާންވާއިރަށް ދަޢުލާތުގެ ޢާމްދަނީ 30 ބިލިޔަން ރުފިޔާއަށް އަރާނެ. ޚަރަދުތައް ކުޑަ ނުކޮށްފިނަ 2023 ވަނަ އަހަރު 46 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެ. މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ބޭރުގެ ޢިޤްތިޞާދީ ހާލަތަށް ބަލާފައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫން. ފައިނޭންސް ކުރިނަމަވެސް އެކަން ކުރަންޖެހޭނީ ބޮޑު އަގުގައި. ކޯވިޑްގެ ހާލަތުގައި ސްކޫކް އިޝޫ ކުރި ރޭޓަށްވުރެ ދުނިޔޭގެ އިންފްލޭޝަން ރޭޓް އިތުރުވެގެން އެބަދޭ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވިނަމަވެސް ޚަރަދުތައް ހިފަހައްޓަންޖެހޭ --- މިނިސްޓަރު އަމީރު
އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހެނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށްވެސް އެއްވެސް ބުރޫއެއް އެރުމެއް ނެތި ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުނުން މިއަހަރުގެ މިހާތަނަށް 910 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިކަމަށްޓަކައި 2021 ވަނަ އަހަރުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ 546 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ވަނީ ފެނާއި ކަރަންޓުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމުގެ ގޮތުން 298 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
އަމީރު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކްގެ ރިޕޯޓްތަކުން ވެސް ކުދި އަދި މެދު ފަންތީގެ ގައުމުތަކާ އަޅާ ބަލާއިރު ޖީއެސްޓީއާއި ޓީޖީއެސްޓީ ރާއްޖޭގައި ނެގޭ މިންވަރު ދުނިޔޭގެ އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު ކުޑަކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓީޖީއެސްޓީއާއި ޖީއެސްޓީ ޓެކްސްގެ މިންވަރު އިތުރުކުރަން ނިންމީ ވެސް އެކަންކަމަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަަރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގްތިސާދު 13 ޕަސެންޓް ކުރިއަރާނެކަމަށް ކުރިން ބެލެވުނަސް މިހާރު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ މިންވަރާ ބަލާއިރު 13 ޕަސެންޓާ 16 ޕަސެންޓާ ދެމެދު ކުރިއަރާނެ ކަމަށް މިހާރު ބެލެވޭ ކަމަށެވެ.








