





.jpeg?w=3840&q=75)


-
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އޭޝިއަން މޭޔަރސް ފޯރމްގައި ބައިވެރިވެވަޑައިގަތުމަށް ތިނަދޫ ސިޓީގެ މޭޔަރ، ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރ، ނަސްރުالله އަލީ ފުރައިވަޑައިގެންފިއެވެ.
ޖޫން މަހުގެ 11 އިން 13 އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ، މި ފޯރަމްގައި ތިނަދޫ ސިޓީ ތަމްސީލުކުރުމަށް މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ވަހީދު އާއި ކައުންސިލްގެ ސެކެޓްރީ ޖެނެރަލްވެސް ވަނީ ޗައިނާއަށް ފުރާވަޑައިގެންފައި އެވެ.
2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގައި، އޭޝިއާގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ލީޑަރުންނާއެކު، ދެމެހެއްޓެނިވި ތަރައްޤީއާއި، އައު އީޖާދުތަކާއި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަޝްވަރާތައް ކުރައްވާނެއެވެ.
ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމްގައި ތިނަދޫ ސިޓީގެ އިތުރުން ރާއްޖޭގެ ފަރާތުން މާލެ ސިޓީ ކައުންސިލުންވެސް ބައިވެރިވެެއެވެ.
"ވިލަރެސްކުރެވިފައިވާ އައު އީޖާދުތައް: ކާބަން، މަދު އަދި ދެމެހެއްޓެނިވި މުސްތަޤްބަލުގެ ސިޓީތައް ބިނާކުރުން" މި ޝިޢާރުގެ ދަށުން ކުރިޔަށް ގެންދާ މި ފޯރަމަކީ، ބައިނަލްއަޤްވާމީ ގުޅުންތައް ކުރިއެރުވުމަށާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީތައް) ހާސިލުކުރުމަށް، ލޯކަލް ސަރުކާރުތައް ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.






.jpeg?w=3840&q=75)

