







ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖާގަ ތަނަވަސް ކުރުމާއި، ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ބަނދަރާއި ފަޅު ފުންކުރުމުގެ ތެރެއިން 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 451 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ އިތުރުން 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ގައު އަތުރައި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ.
މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކުގެ އެއްގަމުތޮއްޓަކާއި، 125 މީޓަރުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެއްގަމުތޮށިލުމުގެ އިތުރުން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެ ނުކުމެ ހެދުމަށް ބޭނުންވާ ނެވިގޭޝަން ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ބޭރުތޮއްޓާއި، ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ އިތުރުން ރޭގަނޑު ދަތުރު ކުރާ އުޅަނދުފަހަރަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުންވެސް ހިމެނެއެވެ.
ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި، މި މަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ، ބޭރުތޮށި ޖެހުމުގެ މަސައްކަތެވެ. މިއީ ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން، 26.67 މިލިއަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، އެއަހަރުގެ މެއި މަހެވެ.
މި މަޝްރޫޢު އެކޮށް ނިމުމުން، ރަށުގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



