







އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަން. އޭނާ ވަނީ އުމުރުން 80 އަހަރުގައި މަރުވެފައިކަން އާއިލާއިން މިހާރު ވަނީ ކަށަވަރުކޮށްދީފައި.
ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ކަންޓްރީ މިއުޒިކްގެ ލެޖެންޑް، ޑޮލީ ޕާޓަން އުމުރުން 80 އަހަރުގައި މަރުވެއްޖެއެވެ.
ޕީޕަލް މެގަޒިން އިންނާއި އެހެނިހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ މަރުވިކަން ކަށަވަރުކޮށްދީފައިވަނީ އޭނާއަށް ބޮޑުދައިތަ ކިޔާ އަދި ސެކިއުރިޓީގެ އެންމެ އިސްވެރިޔާގެ ގޮތުގައި މަސައްކަތްކުރި ބްރަޔަން ސީވަރ، އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ މެސެޖެއްގައެވެ.
"ޖޮލީން"، "އައި ވިލް އޯލްވޭސް ލަވް ޔޫ" އަދި "9 ޓު 5" ފަދަ އެތައް ކާމިޔާބު ލަވަތަކެއް ކިޔާފައިވާ ޑޮލީ ޕާޓަންގެ މަރުގެ ސީދާ ސަބަބު އާއިލާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ މަރުވުމުގެ ހަތަރު ދުވަސް ކުރިން ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި، ފަހަކަށް އައިސް އޭނާ ސިއްހީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލަމުންދާކަން ހާމަކޮށްފައިވެއެވެ.
އޭނާ ބުނެފައިވަނީ، 2025 ވަނަ އަހަރު އޭނާގެ ފިރިމީހާ ކާރލް ޑީން މަރުވުމުގެ ކުރިން، ފިރިމީހާއަށް އަޅާލުމުގައި އުޅުމުގެ ތެރޭގައި އަމިއްލަ ސިއްހަތަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ކަމަށެވެ.
ސިއްހީ މައްސަލަތަކާ ގުޅިގެން މިއަހަރުގެ މެއި މަހު ލާސް ވޭގަސްގައި އޭނާ ކުރިއަށްގެންދަން ހަމަޖެހިފައި އޮތް ޝޯތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ބްރަޔަން ސީވަރ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ، ޑޮލީގެ މަރުގެ ޚަބަރު އާންމުންނާ ހިއްސާކުރުމަކީ މީގެ އެތައް އަހަރެއް ކުރިން ޑޮލީ އޭނާއާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ލަވަކިޔުމާއި އެކްޓްކުރުމުގެ އިތުރުން ޑޮލީ ޕާޓަންއަކީ އޭނާގެ ދީލަތިކަމަށްވެސް މުޅި ދުނިޔޭގައި ފާހަގަކޮށްލެވުނު ޝަޚްސިއްޔަތެކެވެ. ވަކިން ޚާއްޞަކޮށް ކޮވިޑް-19 ގެ ވެކްސިން އުފެއްދުމުގެ ދިރާސާތަކަށް 2020 ވަނަ އަހަރު އޭނާ ހަދިޔާކުރި 1 މިލިއަން ޑޮލަރު ފާހަގަކޮށްލެވެއެވެ.
އޭނާ މަރުވި ޚަބަރާއެކު މުޅި މިއުޒިކް އިންޑަސްޓްރީއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.



