
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: މަޖިލިސް
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ އިސްލާހު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ އީ ޕެޓިޝަނަށް މަޝްވަރާ ކުރުމަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މިއީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ ޕެޓިޝަން ޕޯޓަލް) ތައާރަފްކުރި ފަހުން ހުށަހެޅި ޕެޓިޝަންތަކުގެ ތެރެއިން މަޖިލީހުގައި ބަހުސް ކުރުމަށް ބޭނުންވާ ވަރަށް ސޮއި ހަމަވި ދެ ޕެޓިޝަނެވެ.
މީގެތެރެއިން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން މަޖިލީހަށް ހުށަހެޅުއްވި ބިލު އަނބުރާ ގެންދަަން ގޮވާލައި ހުށަހެޅި ޕެޓިޝަނަކީ އެއްވެސް ބަދަލެއް ދިނުމަކާއި ނުލައި އަދި ކައުންސިލްތަކުގެ ބަހެއް ހޯދުމަކާވެސް ނުލައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމާއި ތަންތަން، އިހުތިސާސުން ވަކިކުުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދޭން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ޕެޓިޝަނެކެވެ. ދެން ހުށަހަޅާފައިވަނީ އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ހުށަހެޅި ޕެޓިޝަނެވެ.
މި ދެ ޕެޓިޝަން ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން، ޕެޓިޝަން ކޮމިޓީން މަޖިލީހަށް ފޮނުވާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ. އަދި މެންބަރު އަބްދުލްހައްނާން ހުށަހެޅުއްވި ބިލާ ބެހޭގޮތުން ތިން އީ ޕެޓިޝަނެއްގައި މަޖިލީހުގައި ސޮއިކުރަން ހުޅުވާލާފައިވާއިރު، މި ބިލުގައި ހުށަހަޅާފައިވާ ކަންކަމުގެ އާހިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށްބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލައި ސޮއިކުރަން ފެށި ޕެޓިޝަނެކެވެ.
މި ޕެޓިޝަންގައި ސޮއިކުރަން ސ.މަރަދޫ، އައްސޭރި، މިދުއަމް ސައުދު މި މަހުގެ 7 ވަނަ ދުވަހު ހުޅުވައިލިއިރު، މި ޕެޓިޝަންގައި 2307 މީހުން ވަނީ ސޮއިކޮށްފަ އެވެ.
ދެވަނަ ޕެޓިޝަނަކީ މި ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ގާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާހަކަށްވާތީ ހުށަހެޅިައިވާ ގޮތަށް އެ އިސްލާހު ފާސްކޮށްދިނުމަށް ގޮވާލާފައިވާއިރު، މި ޕެޓިޝަން ހުށަހަޅާފައިވަނީ ސ.މީދޫ، ބިނާ، މުހައްމަދު ޝާތިރު މި މަހުގެ 16 ވަނަ ދުވަހު އެވެ.
މީގެއިތުރުން ދެން ހުށަހަޅާފައިވާ ތިން ވަނަ ޕެޓިޝަނަކީ ހުށަހެޅިފައިވާ ގޮތަށް އެ ބިލު ފާސްކޮށްދިނުމަށް ގޮވާލައި މިމަހު 18 ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނެކެވެ. މާލެ، ސަންފާ މަންޒިލް، އަލީ ނަބީލް ހުށަހެޅި މި ޕެޓިޝަންގައި 10150 މީހުން ވަނީ ސޮއިކޮށްފަ އެވެ.
މި ހުރިހާ ޕެޓިޝަންތަކުގައިވެސް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުން ބޭނުންވާ އަދަދަށް ސޮއި ހަމަވެފައިވެ އެވެ.









.jpg?w=3840&q=75)



