
އެމްއެމްއޭ
އެކްސްޕްރެސް މަނީ އެކްސްޗޭންޖަށް ބޭރުގެ ފައިސާގެ މުއާމަލާ ކުރުމަށް ދީފައިވާ ލައިސަންސް ގަވައިދާ ހިލާފުވުމުން މޯލްޑިވްސް މަނިޓަރީ ބޭންކް (އެމްއެމްއޭ) އިން ބާތިލްކޮށްފި އެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނުގައިވަނީ މަނީ ޗޭންޖިންގް ވިޔަފާރި އާއި ބެހޭ ގަވައިދާ ހިލާފުވުމުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް އިއްޔެ ބާތިލްކޮށްފައިވާ ކަމަށެވެ.
ލައިސަންސް ބާތިލް ކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން ޤަވާއިދާ ހިލާފުވާކަން ފާހަގަކުރެވުމާއި ގުޅިގެން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި ބާރުގެ ފައިސާ ގަނެ ވިއްކުމުގައި ގާނޫނާއި ގަވައިދަށް ހުރުމަށްތެރިކޮށް ހިތައި އެގޮތައް އަމަލު ކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެމްއޭގެ މަނީ ޗޭންޖިން ވިޔަފާރި އާއި ބެހޭ ގަވައިދުގައިވާ ގޮތުން، މަނީ ޗޭންޖިން ވިޔަފާރިތައް އެމްއެމްއޭ ބޭޏުންވެއްޖެ ހާލަތެއްގައި ސުޕަވައިޒްކުރުމުގެ ބާރުލިބިފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް ގަވައިދާ ހިލާފުވާ ފަރާތްތަކާއި މެދު ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އޮތޯރިޓީން އަންގާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހެ އެވެ. މި ޤަވާއިދުގެ ދަށުން، ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ތޯ ބެލުމަށް އޮތޯރިޓީން އައްޔަން ކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ އޮފިސަރުން މެދުވެރިކޮށް އެތަނެެއްގެ ރެކޯޑުތައް ބެލުމަށް އޮންސައިޓް އެގްޒެމިނޭޝަން ހިންގިދާނެ އެވެ.
މިއެގްޒެމިނޭޝަންތަކުގައި ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި ރިކޯޑުތައް ބަލައި އަޅައި ކިޔާއިރު، ރެކޯޑުތައް ދިމާނުވެއްޖެނަމަ ޖޫރިމަނާ ކުރުމާއި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދެ އެވެ. މި ޤަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ވިޔަފާރިއަކުން ޤަވާއިދާ ހިލާފުވާނަމަ 10،000ރ. އާއި 1،000،000ރ. ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެ އެވެ.
މި ގަވައިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވަކި ރޭޓަށް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާއި ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަކީ މަނާކަމަށްވާއިރު، މި ވަގުތުގައި ރައްޔިތުންގެ މަޖިލީހުގައި އޮތް ބޭރުގެފައިސާގެ ގާނޫނުގައިވެސް މިކަން ހިމެނުމަށް ހުށަހަޅާފައިވެ އެވެ.












%20(2).jpeg?w=3840&q=75)



