
ޑީއެސްސީ އާއި ލަޔަންސް ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް/ ޔަނާލް
މިހާރު ކުރިއަށްދާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި މިރޭ ލަޔަންސް އިން ފުރަތަމަ ސެޓް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުން ޑީއެސްސީ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އަށް ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ލަޔަންސް ސެމީފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓްގައި މޮޅަށް ކުޅެ ލަޔަންސް އިން ސެޓް ޑޮމިނޭޓްކުރިއިރު، މި ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ޑީއެސްސީ އިން ވަނީ އެޓީމުގެ އެޓޭކުތަކާއެކު ރިސީވް އަދި ބްލޮކްތައް ވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ވާދަވެރި ކުޅުމަކަށްފަހު އެޓީމުން ވަނީ 23-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓުގައި ޑީއެސްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު. މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި ޑީއެސްސީ އިން ފައިނަލުގެ ޖާގަ ޔަގީންކުރި ހަަތަރުވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ލަޔަންސް އިން އެޗްޑީސީ އާއި ދެކޮޅަށް ނުކުންނައިރު، ފައިނަލުގައި މާދަމާ ރޭ ޑީއެސްސީ އިން ނުކުންނާނީ އެމްޓީސީސީ އާއި ދެކޮޅަށެވެ. އަދި ދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު ސީދާ ތިން ސެޓުން ޑީއެސްސީ އިން ކާމިޔާބުކޮށްފައިވާއިރު، މިދިޔަ އަހަރު ވީއޭއެމްކަޕް ޑީއެސްސީ އިން ކާމިޔާބުކުރީ ވެސް ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު އެވެ.
މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހޭއިރު، ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ.
















