
ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ދީޕިކާ ޕަދްކޯން
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ.
ރިޕޯޓުތައް ބުނާގޮތުން، އެ ދެމަފިރިންގެ ބްލޮކްބަސްޓަރ ފިލްމު "ބްރަހްމާސްތްރާ" ގެ ދެވަނަ ބައިގެ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރަންބީރު މި ފިލްމުގެ ޝޫޓިންގ ފަށާނީ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ބޮޑު ޕްރޮޖެކްޓް ކަމަށްވާ 'ރާމާޔަން' ގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހުގައެވެ.
'ބްރަހްމާސްތްރާ' ގެ ފުރަތަމަ ބަޔަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، މީގެ ދެވަނަ ބަޔަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.
މީގެ އިތުރުން، ފިލްމުގެ ޑައިރެކްޓަރު އާޔަން މުކަރްޖީ އަންނަނީ 'ބްރަހްމާސްތްރާ 2' ގައި މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ބެލެވޭ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. ފުރަތަމަ ބައިގެ ނިމުމުންވެސް ދީޕިކާގެ ކެރެކްޓަރ (އަމްރިތާ) ގެ ޚާއްޞަ މަންޒަރެއް ފެނިގެން ގޮސްފައިވާއިރު، ސީކުއެލްގައި އޭނާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މި ފިލްމަކީ އިންޑިއާގެ ސިނަމާގައި މިހާތަނަށް އުފައްދާ އެންމެ ބޮޑު އެއް ސިނެމެޓިކް ޔުނިވާސް ގެ މުހިންމު ބައެއް ކަމަށްވާއިރު، ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ.










%20(1).jpeg?w=3840&q=75)

