
ފޮޓޯ: ސްޓޭޓް ފާމާ
ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ހޯދުމަށް ޔޫރަޕްގެ އެސްޓްރާޒެނެކް އާ އެކު މަސައްކަތް ފަށައިފިއެވެ.
ސްޓޭޓް ފާމާއިން ބުނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި އެ ކުންފުނިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރާޒެނެކާގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައިވާ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެސްޓްރާޒެނެކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެކުންފުނީގެ ކަންޓްރީ ބިޒްނަސް މެނޭޖަރ އަބީޝެކް ކައުޝިކެވެ.
އެސްޓްރާޒެނެކާއަކީ ބޭސް އުފެއްދާ ސިއްޙީ ދާއިރާއާ ގުޅޭ މިފަދަ ޚިދުމަތްތައް ދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ 125އަށްވުރެ ގިނަ ޤައުމަށް ބޭހާއި ފާމަސޫޓިކަލް ސާމާނު ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުންޏާއެކު ރާއްޖެއިން ފެށި މިމަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް ސްޓޭޓް ފާމާއިން ފާހަގަކުރައްވައެވެ.
ސްޓޭޓް ފާމާއިން ދަނީ ރާއްޖޭއަށް ބޭނުންވާ ބޭސްތަކުގެ ސްޓޮކް ހިފެހެއްޓުމަށް، ބޭސް ބޭނުންވާ މިންވަރު އަންދާޒާކޮށް ދުރާލާ ބޭސް ސްޓޮކް ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންނެވެ. އަދި މުޅި ރާއްޖެއިން ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބެހެއްޓޭނެ ގުދަންތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.









.jpg?w=3840&q=75)
.png?w=3840&q=75)



