
ލެންސްގެ ކުޅުންތެރިން ސްޕަރކަޕް ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ފްރާންސްގެ ކުލަބް ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ސްޕަރކަޕް ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ލެންސް އިން އެކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސްޕަރކަޕް ކާމިޔާބުކޮށްފިއެވެ.
ލެންސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ޕީއެސްޖީ އިން ވަރުގަދަކޮށް ފެށި ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ލެންސްގެ ކެޕްޓަން ފްލޮރިއަން ތައުވިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. އަދި މިއީ މިހާފުގައި އެޓީމުން ޕީއެސްޖީގެ ގޯލާއި އާމަޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލައެެވެ.
ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ލެންސްގެ ޒުވާން ޑިފެންޑަރު ކިލިއަން އެންޓޯނިއޯ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ލެންސްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މެޗުގެ ބާކީބައިގައި ޕީއެސްޖީ އިން ވަނީ ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ލެންސްގެ ދިފާއީ ފާރު ފޫއަޅުވާލުމުގައި އެޓީމަށް ވަނީ ކާމިޔާބު ހޯދޭގޮތް ނުވެފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ޕީއެސްޖީގެ ޕޯޗުގަލް ޑިފެންޑަރު ނޫނޯ މެންޑޭސް ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ މެންޑޭސްއަށް ވެސް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު ދެޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ. އަދި މިއީ މީގެ 28 އަހަރު ކުރިން މިދެޓީމު ފްރެންޗް ސުޕަރކަޕުގައި ވާދަކުރި ފަހުން މިމުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި އެފަހަރު ލެންސް ބަލިކޮށް ސްޕަރކަޕް ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.












