
-
ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ހަފްލާ ކަމަށްވާ 'ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026' ގެ ރަސްމީ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އުރީދޫއާއެކު މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ބޮޑު ހަފްލާއަށް ވަމުންދާ ތައްޔާރީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މަހްތާއެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް މުވާސަލާތީ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން، އެ ކުންފުނީގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި ކަނެކްޓިވިޓީގެ ޚިދުމަތްތައް ބޭނުންކޮށްގެން މި ހަފްލާ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެއެވެ. އުރީދޫ ބިޒްނަސް އަކީ ރާއްޖޭގެ ވިޔަފާރިތަކަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ހައްލުތަކާއި، މެނޭޖްޑް ސަރވިސަސްގެ އިތުރުން ޑޭޓާ ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުބާރު ހިފޭ ޓެކްނޮލޮޖީ ޕާޓްނަރެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ ބޮޑު ހަފްލާއެއް ބޭއްވުމަށްޓަކައި ޕާޓްނަރުންގެ މެދުގައި ވަރުގަދަ ގުޅުމަކާއި އިތުބާރު ހުރި އެހީތެރިކަމެއް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސްއާއެކު މި ވެވުނު އެއްބަސްވުމާމެދު އުފާކުރައްވާ ކަމަށާއި، މި އިވެންޓުގައި ބައިވެރިވާ މަންދޫބުންނާއި، އިންޑަސްޓްރީގެ ޕާޓްނަރުން އަދި މީޑިއާތަކަށް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މަހްތާ ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ނަމޫނާ ދައްކަމުން އަންނައިރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި އީޖާދީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އުރީދޫ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، ކުރިއެރުމުގެ އައު ފުރުސަތުތައް ހޯދައިދިނުމުގައި ހޮސްޕިޓާލިޓީ ބްރޭންޑްތަކަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށް ވިދާޅުވެ، މި ޝަރަފުވެރި ހަފްލާއަށް އޭނާ ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް، މަންޒިލްތަކާއި ޖަމިއްޔާތަކުގެ އިތުރުން މަޝްހޫރު ބްރޭންޑްތައް އެއްތަންކޮށްދޭ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ އެވޯޑެކެވެ. މިއަހަރުގެ އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށާއި، އިންޑަސްޓްރީގެ ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ރާއްޖެއަށް ލިބިފައިވާ މަގާމު އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ. މިއީ ރާއްޖެ ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
















