.jpg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)



ހުކުރު ނަމާދުގެ ޖަމާއަތެއް ---
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، ދޭދޭ ފަރުދުންގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަކީ މި ދީނުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
24 صَفَر 1448 (07 އޮގަސްޓު 2026) ވީ ހުކުރު ދުވަހުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢުގެ މައްޗަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، ފަރުޟުތަކަށް ރައްކާތެރިވާ މީހުންގެ ތެރޭގައި ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ހުންނަކަމީ ހިތާމަހުރި ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ޚުޠުބާގައި ބުނީ، އެކަލޭގެފާނު އަހުލުވެރިންނާއި، އަޞްޙާބުންނާއި، އަވަށްޓެރިންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތު ކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ: "ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ."
މީގެ އިތުރުން، ފިރުޢައުނު ފަދަ ބޮޑު ކާފިރަކާއި އަނިޔާވެރިއެއްގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު ވެސް، މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް މާތް ﷲ އަމުރުކުރެއްވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. މިއިން ދޭހަވަނީ ދީން ޤަބޫލުނުކުރާ މީހުންނާ މުޚާޠަބުކުރާއިރު ވެސް ހަރުކަށިވުމެއް ނެތް ކަމާއި، މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތުކުރާއިރު އޯގާވެރިވުން މާ އައުލާކަން ބޮޑުކަމެވެ.
ޚުޠުބާގައި ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެއްގެ މާނަ ބަޔާންކުރަމުން ބުނީ، "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ" ކަމަށެވެ. އަދި މަޑުމައިތިރިކަމުގެ ސިފައިން މަޙުރޫމުވެއްޖެ މީހަކީ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެފައިވާ މީހެއްކަން ވެސް ފާހަގަކުރިއެވެ.
އިސްލާމްދީން ދުނިޔޭގައި ފެތުރުނީ އެ ދީނުގެ އަހުލުވެރިންގެ ރިވެތި އަޚުލާޤާއި ހެޔޮ މުޢާމަލާތުގެ ސަބަބުންކަން ފާހަގަކޮށް، ޚުޠުބާ ނިންމާލީ އެންމެހައި މުޢާމަލާތުތަކުގައި މަޑުމައިތިރިކަމާއި، އޯގާވެރިކަމާއި، މަޢާފުކުރުން އިސްކުރުމަށް ނަޞޭޙަތްތެރިވަމުންނެވެ. އަދި ނަރަކަ ޙަރާމްކުރެއްވިގެންވަނީ އޯގާތެރި، މަޑުމައިތިރި އަދި މީސްތަކުންނާ ގާތްކަން ބަހައްޓާ މީހުންނަށް ކަމަށް ވެސް ޚުޠުބާގައި ބަޔާންކުރިއެވެ.
.jpg?w=3840&q=75)

.png?w=3840&q=75)

